ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފް ކުރައްވައިފިއެވެ.

ރިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް މުއިއްޒު ކުރެއްވި ފަދަ ވަރުގަދަ އަދި މިންނެތް މަސައްކަތެއް ކުރެއްވި ރައީސަކު އޭނާގެ ހަޔާތަުގައި ނުދެކޭކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ މަސައްކަތްތަކަކީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއް ނޫން ކަމަށެވެ.އަދި އެއީ ރައްޔިތުންނަށްޓަކައި ވީ ގުރުބާނީ އެއް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިއްޕަވައިގެން ހުންނަވައި، ގަދަ އަވީގައި ކެތްތެރިކަމާއެކު ރައީސް ކުރެއްވި މަސައްކަތްޕުޅަކީ އާދައިގެ ކަމެއް ނޫން ކަމަށް ރިޔާޒް ވަނި ވިދާލުވެފައެވެ. މާލެ، ހުޅުމާލެ، އަދި ވިލިގިލީގެ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، "ޑޯޓުޑޯ" (ދޮރުންދޮރަށް) ހަރަކާތްތަކުގައި އެމަނިކުފާނު އަމަލީގޮތުން އުޅުއްވި މަންޒަރު އޭނާ ދުށް ކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ އެއީ އިހުލާސްތެރިކަމުގެ އިންތިހާ ކަމަށެވެ.

ނަމަވެސް، ހިތާމައަކީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ފަރާތުން އެފަދަ ހިތްވަރެއް ނުފެނުން ކަމަށާއި، ސޯޝަލް މީޑިއާއިން ބަލާލި ކަމުގައިވިޔަސް، ރައީސް ކުރެއްވި ވަރުގެ މަސައްކަތެއް ކުރި އެއްވެސް މެންބަރަކު ނުވަތަ ވަޒީރަކު ފެންނާން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އިހުސާސްތައް އެމަނިކުފާނު ގާތުން ބެއްލެވި ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައުއެއްގައި ބޭނުންކުރުން އެކަށީގެންނުވާ ފަދަ ބަސްމަގުން ބައެއް ފަރާތްތަކުން މުހާތަބުކުރި ހިނދުވެސް، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނުހަނު ކެތްތެރިކަމާއެކު އެ ކަންބޮޑުވުންތައް ރައީސް އެއްސެވީ ވަރުބަލިކަމެއް ނެތި ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިކަމުގައި ތިބި އެތައް ރައްޔިތުންގެ އާދޭހާއި ކަރުނުން ފުރިގެންވީ ޝަކުވާތައް އަޑުއައްސަވައި، އެކަންކަމަށް ވަގުތުން ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ ވަކިން ހާއްސަކޮށް، ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގައި ކުރިން ކަނޑައަޅާފައިވާ ހަރުކަށި އަދި ބައެއް ހާލަތްތަކުގައި އިންސާފުވެރި ނޫން އުސޫލުތައް މުރާޖައާކުރައްވައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް އެ ޝަރުތުތަކަށް ވަގުތުން ލުއި ދެއްވި ކަމަށެވެ.

ހަމަމިއާއެކު، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކުލި ނުދެއްކި ތިބި އެތައް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަސާސީ އެތައް ހިދުމަތްތަކެއްގެ އަގުތައް ހެޔޮކޮށްދެއްވުމަކީ ރައްޔިތުންގެ ލާބައަށް އެމަނިކުފާނު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެއް ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ އިންތިހާބެއްގެ ނަތީޖާ ބަދަލުކޮށްލަނީ ހަމައެކަނި ފައިސާއަކުން ނުވަތަ ދޭ ވަޒީފާއަކުންނެއް ނޫން ކަމަށާއި އިންތިހާބުތަކުން ބައެއް ދާއިރާތައް ނާކާމިޔާބުވަނީ އެ ދާއިރާތަކާ ހަވާލުވެ ތިއްބެވި އިސް ބޭފުޅުންނާއި މެންބަރުން ރައްޔިތުންނާ ދެމެދު ބޭއްވޭ ގުޅުން ކުޑަވުމުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް، ދަތިކަމެއް ޖެހިގެން ގުޅާލުމުން ފޯނު ނަގާނެ، އަޅާލާނެ ވެރިއް ކަމަށާއި މިއަދު ބައެއް ވެރިންގެ ފޯނުތައް ހުންނަނީ "ވަންވޭ" ކޮށްފައި ކަމަށް ރައްޔިތުން ޝަކުވާ ކުރާކަން ފާހަގަކުރައްވާ ހަބަރު ފަތުރާ ވަސީލަތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކައަށްވުރެ، ރައްޔިތުން މިއަދު ބަލަނީ އަމަލީ ގޮތުން ގާތްކަން ބަހައްޓާ މިންވަރަށް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާއެކު ރައްޔިތުން ދެއްވި މެސެޖުތަކަށް އިހްތިރާމްކުރައްވައި، ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވަން ފަށްޓަވާފައިވާކަން މިއަދު ހާމަވެފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހޭ އަދި ގާބިލުކަން ކުޑަ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ، އެމަނިކުފާނުގެ ސާބިތުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންގެ ތައުލީމީ ފެންވަރު ވަޒަންކުރެއްވުމަށް، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީ އޮތުން ލާޒިމުކުރެއްވުމަކީ، އެމަނިކުފާނު އެއްވެސް ނުފޫޒެއްގެ ދަށުނުވެ ހުންނެވިކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި، މި ނިންމުންތަކުން ސާބިތުކޮށްދެނީ، ނޭދެވޭ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވައި، ރައްޔިތުންގެ މަތިވެރި މަސްލަހަތު އިސްކުރައްވައިގެން މަސައްކަތްކުރައްވާނެ ވަރުގަދަ ޝަހްސިއްޔަތެއް އެމަނިކުފާނުގެ ކިބައިގައި ހުރިކަން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ހަމަމިއާއެކު ފެންނަ ނުފެން ވޯޓަކީ ރައީސް މުއިއްޒު އަށް އޮތް ތާއިދު ދައްކުވާދިން އިންތިހާބެއް ނޫން ކަމަށާއި އެ އިންތިހާބަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓެއް ކަމަށްވެސް ރިޔާޒް ވަނި ވިދާޅުވެފައެވެ.