ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާއި ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުހާފާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އަދުލުވެރި، އަދި އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެންކަމަށެވެ.
ވަޒީރު ވިދާޅުވީ ގާނޫނުގައި ހައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭމަށެވެ.
މީގެ އިތުރުން ގައުމުތަކުގައިވެސް މި ހިދުމަތް ތަރުތީބުކޮށް، ދެމުން އަންނަނީ ހާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ ކުށްތަކާއި އިހުމާލުތައް ހުއްޓުވޭނީ ގާނޫނުގެ ތެރެއިންކަމަށެވެ.
މިއަހަރު އަދި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރުވެސް، އުމްރާއާއި ހައްޖުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޭގެ ތެރޭގައި އަޅުކަމަށް ދަތުރުނުކުރެވުމާއި، އާއްމު ރައްޔިތުންގެ އެތައް ފައިސާއަކަށް އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ.
މިހާރު މިހިދުމަތް ދެނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ދަށުން ނަމަވެސް ގާނޫނެއްގެ ދަށުން ހިދުމަތް ދޭން ފެށުމުން، ހިދުމަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެއެވެ. އަދި މައްސަލަތައް ބެލުމުގެ އޮނިގަނޑު ހަރުދަނާވެ ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް މަގުފަހިވާނެއެވެ.
ރާއްޖޭގައި އުމްރާގެ ހިދުމަތް ދިނުމަށް މިހާރުވެސް ގިނަ ކުންފުނިތަކެއް ރަޖިސްޓްރީވެ އެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.