ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ނެޝަނަލް ޕޭ ކަމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވަނީ 1 ނޮވެމްބަރު 2025 ގައެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް އެ އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ އެ ފްރޭމްވޯކާ ގުޅުވާފައެވެ.

އެހެންކަމުން، މިހާރު ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަން ފާހަގަކޮށް އެކޮމިޝަނުން ބުނީ ޕޭ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިއާއިއެކު، ބާކީ ހުރި މުއައްސަސާތައް ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިމޭނެ ކަމަށާ ބާކީ ހުރި މުއައްސަސާތައް އެ އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ދައުލަތުގެ އެކި މުވައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެންނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތެކެވެ. އެގޮތުން ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

މިހާތަނަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު މިދިޔަ އަހަރުވަނީ ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އިތުރު 6 މުވައްސަސާއެއް މުސާރައިގެ އައު އޮނިގަނޑަށް ބަދަލުކޮށްފައިވާއިރު ދައުލަތުގެ 93 އިންސައްތަ މުވައްސަސާތައް މިހާރުވަނީ އައު އޮނގަނޑަށް ބަދަލުކޮށްފައެވެ.

މުސާރައިގެ ކުރިއެރުމެއް ނުލިބި ތިބި ގިނަ މުވައްޒަފުން އެކި މުވައްސަސާތަކުގައި ތިބިއިރު، މިއީ އެފަދަ އެތައް މުވައްޒަފުންނެއްގެ ދުވަސްވީ ޝަކުވާއެކެވެ.