މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މަގާމަށް، ދަފްތަރު ނަންބަރ ރސ 2861، ހުސެއިން ޝަފީގް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާކަމަށެވެ.

އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނުކޮށްފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.