އެމްޑީޕީއަކީ ސިޔާސީ ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށެވެ.

ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށްް ކާމިޔާބަށް އެދޭ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ގައި ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީއިން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދް ވިދާޅުވީ އޭނާގެ އެދުމަކީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށެވެ. އަދި އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ އެއް ކަމަށްވެސް ޝާހިދް ވިދާޅުވެފައިވެއެވެ.