ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނެގިގެންދިޔަ ވޯޓުގައި ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިތުބާރު ގެއްލިފައިވާކަމަށާއި އެހެންކަމުން މަޝްވަރާގެ މޭޒަށް ރައީސް ވަޑައިގަންނަވަންދެން އެމްޑީޕީން މުޒާހަރާކުރަމުން ގެންދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބަށްފަހު އެމްޑީޕީން އަންނަނީ މިހާރު ސިލްސިލާކޮށް މާލޭގައި އެއްވުން ބާއްވަމުންނެވެ. އެގޮތުން މިރޭ ބޭއްވި އެއްވުމުގައި ނަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިރޭގެ އެއްވުން ފެށުމުގެ ކުރިން އެމްޑީޕީގެ "ދަނޑުކޮށި ޖަގަހަ" ކުރިމަތީގައި ހުންނަވާ އެއްވުމުގެ ބައިވެރިންނާ މުޚާތަބުކުރައްވަމުން ނަޝީދު ވިދާޅުވީ ނިމިގެންދިޔަ ވޯޓުން ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒަށް އެއްކޮށް ގެއްލިފައިވާކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު އެންމެ ފަހުން ރައްޔިތުން ކައިރީގައި އެއްސެވީ ގިނަގިނައިން ވޯޓު ނަގަންވީހޭ ނޫނީ ނޫންހޭ ހެއްޔޭކަމަށެވެ. ރައްޔިތުންގެ ޖަވާބު ވަރަށް ސާފުކަމަށާއި ރައްޔިތުން އެދެނީ ގިނައިން ވޯޓު ނަގަންކަމަށް ނަޝީދު ވިދާޅުވިއެވެ. އެއާއެކު ސަރުކާރަށާއި ރައީސް މުއިއްޒަށް ނަޝީދު ގޮވާލެއްވީ މަޝްވަރާގެ މޭޒަށް ވަޑައިގެންނެވުމަށެވެ.
އެމްޑީޕީން ވަނީ މީގެކުރިންވެސް ސަރުކާރަށް 12 ކަމެއް ޑިމާންޑުކޮށް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރައީސް ނަޝީދުވެސް މީގެކުރިން ވަނީ މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް މިއޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިކަމަށެވެ. ރާއްޖެ މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ މިހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫންކަމަށާއި އެއީ އެންމެންގެ ވާޖިބެއްކަމަށެވެ.
ނަޝީދުގެ ވާހަކަފުޅު ބޮޑަށް ބައްޓަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ގުޅިގެން "ބޮޑު ބަދަލު" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުށަހެޅުއްވި ގާނޫނު އަސާސީ އާއި ވެރިކަމުގެ ވައްޓަފާޅި އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިގްތިޞާދީ ކަންކަމަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި ކަންކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަތާ 18 އަހަރު ވެގެންދާއިރު ރާއްޖޭގައި ހިނގަމުންދާ އިސްރާފާއި ނޭދެވޭ ކަންކަމާއި ޚާއްސަކޮށް ވެރިކަމުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނާއި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެވެނީ ޤާނޫނު އަސާސީ އޮތްގޮތުން ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީއަށް ބަދަލު އަންނަންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ބޮޑު ބަދަލެއް ގެނައުމަށް މިއަދު ބޭނުންވާކަމަށެވެ.
ބޮޑު ބަދަލު ނަމުގައި ނަޝީދު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ، ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. މި ބަދަލުގެ ބޭނުމަކީ ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ގައުމީ މަސްލަހަތާއި ގާނޫނުއަސާސީ ހިމާޔަތްކުރާ ފަރާތަކަށް ހެދުމެވެ.