ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން، ވީޑިއޯ ހެދުމުގެ މުބާރާތެއް ބީސީސީން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ 'ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" އާ ވެސް ގުޅުވައިގެންނެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން ބާއްވާ ވީޑިއޯހެދުމުގެ މުބާރާތުގެ މަޤްސަދަކީ، ދިވެހީންގެ އުފެއްދުންތެރިކަމާއި އައު ހިޔާލުތައް ދައްކުވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނީ، މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް އަޕްލޯޑް ކުރާނީ ޓިކްޓޮކް، އިންސްޓަގްރާމް އަދި އެނޫންވެސް އެފަދަ މީސްމީޑިޔާގެ މަންސަތަކުގައިކަމަށެވެ. އަދި މުބާރާތުގައި ހިމެނޭ ކުރު ފިލްމު ކެޓެގަރީގައި 3 ނުވަތަ 5 މިނެޓުގެ ވީޑިއޯތައް މުބާރާތުގައި ބައިވެރި ކުރެވޭނީ، ސޯޝަލް މީޑީއާ ނުވަތަ އެނޫންވެސް މަންސައަކަށް އަޕްލޯޑު ކުރުމަށްފަހު، އެ ވީޑިއޯގެ ލިންކު، expo@bcc.mv އަށް ފޮނުވުމުންކަމަށް ވެސް ބީސީސީން ބުނެއެވެ.

ބީސީސީން ބުނީ، މުބާރާތުގައި ބައިވެރިކުރާ ކޮންޓެންޓު އަޕްލޯޑު ކުރަންވާނީ ބައިވެރިވާ ފަރާތުގެ އަމިއްލަ މީސްމީޑިޔާ މަންސަތަކުގައިކަމަށެވެ. އެގޮތުން ހިއްސާކުރާ ވީޑިއޯތަކުގައި ބީސީސީގެ މީސްމީޑިޔާ @BCC އާއި މޯލްޑިވްސް އެކްސްޕޯ @EXPOMV އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑު @MOEDT ޓެގް ކުރުމާއެކު ވީޑިއޯތަކާއެކު #mauraz26 ހޭޝްޓެގް ބޭނުންކުރަންވާނެއެވެ.

ވީޑިއޯ ހެދުމުގެ މި މުބާރާތުން 2 ކެޓެގަރީއަކުން އެންމެ މޮޅު ވީޑިއޯ ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ އެންމެ އުފެއްދުންތެރި ވީޑިއޯގެ ކެޓެގަރީ އަދި އެންމެ މޮޅު ވީޑިއޯ ރީލް ހުށަހަޅާ ކެޓަގަރީންނެވެ.

މި މުބާރާތަށް ހުށަހެޅޭ ވީޑިއޯގެ ތެރެއިން ހޮވާ އެންމެ މޮޅު ވީޑިއޯ އުފެއްދި ފަރާތަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯއެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހެޅި ފަރާތަށް އައިފޯން 17 ޕްރޯ މެކްސްއެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ އުފައްދައި އަޕްލޯޑް ކުރެވޭނީ އަންނަމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީސީސީން ބުނީ، ދިވެހިންނަށް އެކަނި ބައިވެރިވެވޭ، މިމުބާރާތުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ހުރިހާ ޢުމުރެއްގެ މީހުން ބަލަން އެކަށީގެންވާފަދަ، ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ވީޑިއޯތަކަކަށް ވާންޖެހޭނެކަމަށެވެ. އަދި ކޮންމެ ވީޑިއޯއެއްގައިވެސް އުފެއްދުންތެރި ގޮތެއްގައި ކޮންމެވެސް މޮޅު ޚިޔާލެއް، ނުވަތަ ކަމެއްގެ ހައްލެއް، ބެލުންތެރިންނަށް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ހުށަހަޅުން ވާނެކަމަށެވެ.

މީގެއިތުރުން ހުށަހަޅާ ވީޑިއޯއަކީ ހުށަހަޅާ ފަރާތުގެ ކޮޕީރައިޓް ކޮންޓެންޓަކަށް ވުމާއި، އެއްވެސް ސިޔާސީ ފިކުރަކާ އެއްކޮޅު ނުވަތަ ދެކޮޅު ކޮންޓެންޓް ނުހިމެނުމާއި، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކޮންޓެންޓް ނުހިމެނުމަށް ސަމާލުކަން ދިނުމަށް ބީސީސީން ވިދާޅުވެއެވެ.

އަދި ހުށަހަޅާ ކޮންމެ ވީޑިއޯއަކީ އެ ހުށަހަޅާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށް ވާންޖެހޭނެކަމަށާއި، އެހެން ފަރާތެއްގެ މަސައްކަތެއްގެ ކޮޕީއެއް ނުވަތަ ރީޕޯސްޓެއްނަމަ އެ ހުށަހެޅުމެއް ޑިސްކޮލިފައި ވާނެކަމަށް ވިދާޅުވިއެވެ.