ފުލުހުންގެ ވަޒީފާ އިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައި އެ މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށް ވާތީ އެ ބައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.
ސިވިލް ކޯޓުން މީގެ ކުރިން ވަނީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 2014 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން އަންގަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.
ނަމަވެސް އެ ހުކުމް ބާތިލްކޮށް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ވަނީ އަމުރުކޮށްފައެވެ.
ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ހުކުމުގައި އަންގާފައި އޮތީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައިވާ ގޮތުގައި މީހަކަށް އަނބުރާ ވަޒީފާ ދޭ ހާލަތުގައި އެ މީހަކަށް އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އެކަމަކު ވަޒީފާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ އާއި އިނާޔަތް ދޭންޖެހޭނެ އެވެ.
އެހެން ކަމުން 12 އަހަރުގެ މުސާރަ ދިނުމަށް ހައި ކޯޓުގައި ބުނެފައިވާ ބައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އޮފިޝަލް ވިދާޅުވީ ވަޒީފާގެ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ވަޒީފާ އިޔާދަކުރުމާ މެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ފުލުހުން ކަމަށެވެ. އަދި މި މައްސަލައާއި މެދު ފުލުހުން ނިންމާފައިވާ ގޮތެއް ބަންޑާރަ ނައިބުގެ އޮފީހަށް ހުޅަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމަށް ވަޒީފާ އަލުން ދޭން ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. އަދި ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކޯޓުތަކުން ބަލަން ޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކުރިތޯ އަދި އެ މިންވަރުގެ ހެކި ބޯޑަށް ލިބިފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާތީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.