ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިންގ" (އެމް.ޓީ.އައި.ބީ) ގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ބައްދަލުވުން، މިއަދު ބާސެލޯ ނަސަންދުރާގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މެދުއިރުމަތީ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރުތައް ދެނެގަތުމަށާއި، އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ސަރުކާރާއި ދާއިރާގެ އިސް މަސްއޫލުވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި، ވަކިން ހާއްސަކޮށް މެދުއިރުމަތީގެ މަގުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، ބުކިންގްތަކަށް އަންނަ ބަދަލުތަކާއި، ފްލައިޓް ރޫޓުތަކަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް މި ސެޝަންގައި ހިއްސާކުރެވުނެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ޗެއަރޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ގޮންޖެހުން ބޮޑު ވަގުތެއް ނަމަވެސް، މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އެހެން ކަމުން ވީއެމްސީގެ އަމާޒަކީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އިރުޝާދާއެކު މި ހާލަތުން އަރައިގަނެ، ފަތުރުވެރިކަން ކުރިއަށް ގެންދިއުން ކަމަށް ގިޔާސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދާއިރާގެ ފަންނީ ބޭފުޅުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ފަރާތުން ޕޯލް ޕްރޮންގްކާން އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙައްމާދު އަދި އެމް.އޭ.ސީ.އެލް ގެ ޖެނެރަލް މެނޭޖަރ ނަޝާޔާ ޢަބްދުލްވާޙިދު ހިމެނެއެވެ. މީގެ އިތުރުން ވީ.އެމް.ސީ ގެ ޗީފް ކޮމާޝަލް އޮފިސަރު ނަޞްރުﷲ އާދަމް ވަނީ 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މާކެޓިންގ ހަރަކާތްތަކާއި ކުރިއަށް އޮތް ދުވަސްތަކުގެ ލަފާކުރުންތައް ހުށަހަޅުއްވާފައެވެ.

ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރި ގޮތުގައި، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމާއި، ޕްރައިވެޓް ޖެޓް ފަދަ ޕްރީމިއަމް ހިދުމަތްތަކަށް އިސްކަންދިނުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެކެވެ. އަދި ޑިޖިޓަލް މާކެޓިންގ ވަރުގަދަކޮށް، ދަތުރުފަތުރަށް ހުރަސް އެޅިފައިވާ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ އެމް.ޓީ.އައި.ބީ އަކީ ދާއިރާގެ މައުލޫމާތު ވަގުތުން ހިއްސާކޮށް، ކުއްލި ހާލަތްތަކުގައި އެންމެން ގުޅިގެން ރޭވުންތައް އެކުލަވާލުމަށް އޮތް މުހިންމު ވަސީލަތެއްކަން ކަށަވަރުކޮށްދީފައެވެ.