ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވަކިކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. މާލިއްޔަު ކޮމިޓީން ނާޒިމް ވަކިކުރެއްވުމާއެކު އޭނާގެ ބަދަލުގައި ކޮމިޓީއަށް ނަގާފައިވަނީ، މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ސަމީރެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ނަގާފައިވަނީ، ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ.

ނަާޒިމް މާލިއްޔަތު ކޮމިޓީން ވަކިކުރެއްވިއިރު، އޭނާގެ މަޖިލީހުގެ މެމްބަރުކަމުގައި މިހާތަނަށް ހޭދަކުރެއްވިއިރު، މާލިއްޔަތު ކޮމިޓީއަކީ އޭނާއަށް ވަރަށް ހާއްސަ ކޮމިޓީއެކެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގައި އެންމެ އުފެއްދުންތެރިކަމާއެކު ވާހަކަދައްކަވާ އެއް ބޭފުޅަކީވެސް ނާޒިމްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ނާޒިމް ރައްޔިތުންގެ މަޖިލިހުގެ ހަޔާތުގައި މާލިއްޔަތު ކޮމިޓީއަކީ އަބަދުވެސް އޭނާ އެންމެ އިސްކަން ދެއްވާ އެއް ކޮމިޓީ އެވެ. އަދި ފަހަކަށް އައިސް މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީގައި އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެއް ބޭފުޅަކީ ވެސް ނާޒިމެވެ.

މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ނާޒިމް ވަކިކުރި ސަބަބެއްކަމަށް ބައެއް މީޑިއާތަކުގައި ނާޒިމް ވިދާޅުވެފައިވަނީ، ކޮމިޓީއަށް އެކަށީގެންވާ ގޮތެއްގައި ވަގުތު ނުދެވޭތީ ކަމަށެވެ.

އެގޮތުން ރަސްމީ ކަންކަމާއި، އަދި އަމިއްލަ ބައެއް ކަންކަމުގައި ރާއްޖެއިން ބޭރުގައި ގިނައިން އުޅެންޖެހޭކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކުރެއްވިއިރު އޭނާ ދެން ހިމެނިވަޑައިގަންނަވަނީ، އެސްއޯއީތަކާ ބެހޭ ކޮމިޓީގައެވެ.