ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަރުދުންނަށް ލޯނު ދޫކުރާއިރު، 75 އަހަރު ފުރުމާ ހަމައަށް ލޯނު ދޫކުރާ ގޮތަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލޯނު ލިބޭ މީހުންގެ އުމުރު 75 އަހަރާ ހަމައަށް މަތިކުރަން ބީއެމްއެލްގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަަމަށެވެ.

މީގެ ކުރިން އެ ބޭންކުން ލޯނު ދޫކުރަމުން އަންނަނީ އުމުރުން 60 އަހަރުން ދަށުގެ ކަސްޓަމަރުންނަށެވެ. އަދި 55 އަހަރުގެ ކަސްޓަމަރުންނަށް ވެސް ލޯނު ދޫކުރަމުން އައީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ލޯނު ދައްކާގޮތަށެވެ.

ޝަރީފް ވިދާޅުވީ މިއީ ގެދޮރު ގަތުމާއި އެފަދަ އިތުރު ކަންތައްތައް ކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބެންކުން ނިންމި ނިންމުމެއް ކަމަށެވެ. އޭގެ އިތުރުން 75 އަހަރަށް ވުރެ މަތީ އުމުރުގެ މީހުންނަށް ވެސް އާމްދަނީ ލިބޭ ނަމަ ކްރެޑިޓް ކާޑު ނެގޭނެ ކަމަށް ވެސް ޝަރިފް ވިދާޅުވިއެވެ.

"މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ އެ އޮންނަ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް މި އުމުރު މަތިކުރަން އަޅުގަނޑުމެން ބޯޑުން ނިންމައިފިން"

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ޝަރީފް ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ޑޮލަރުން ލޯނަށް ފައިސާ ދައްކަން ބޭނުންވާ މީހުންނަށް 1.5 ޕަސެންޓު ކުޑަކޮށް ލޯނަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް މި އިންތިޒާމުގެ ދަށުން، އެ ރޭޓުގައި ލޯނު ދެއްކޭނެ ކަމަށް ޝަރިފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ބޭންކުން މިހާރު ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި މިހާރު ވެސް ގިނަ ލޯނުތަކަކުން ލުއި ދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިންޓްރެސްޓް ރޭޓަކީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ އެއްޗެއް ކަމަށެވެ. އެގޮތުން ވިޔަފާރިތަކާއި އެކި ކަންތައްތައްތަކަށް އިންޓްރެސްޓް ރޭޓް ކަނޑައަޅައިފައި ހުންނާނީ އެކި ވަރަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.