ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ޖަވާބުދާރީ ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތެއްކަމަށްވާ މިދުޢަމް ސަޢުދު އެވެ.
އެގޮތުން އެ މައްސަލައިގައި އެދިފައި ވަނީ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ޕީސީބީން ރިޕޯޓުތައް ޝާއިއު ކުރުން ލަސްވާ ސަބަބުތައް ހޯދާ ބެލުމަށެވެ.
އަދި އެކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ އެކަންކަން ހައްލު ކުރަން މަޖީލީހުން ކުރަން ޖެހޭ ކަންކަން ކަނޑައަޅައި ކުރުމަށްވެސް އެ ޕެޓިޝަންގައި ވަނީ އެދިފައެވެ.
ޕެޓިޝަންގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ޕީސީބީން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށާއި
2026ގެ ފުރަތަމަ ކުއާރޓާ ނިމި ދެވަނަ ކުއާޓާރ ހިނގަމުން ދާއިރު ޕީސީބީން އެންމެ ފަހުން ނެރެފައިވާ ކުއާރޓާލީ ރިޕޯޓަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގެ ރިޕޯޓު ކަމަށެވެ.
އަދި ރިޕޯޓުތައް ޝާއިއު ކުރުމުގައި 12 މަސް ނުވަތަ 1 އަހަރުގެ ގެޕެއް އައުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ނުލިބޭ ސަބަބެއް ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ މިއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވަން އެޅޭ ހުރަހެއް ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއީ ކުންފުނިތަކުން އުސޫލުތަކާއި ހިލާފަށް ހިންގާ ކަރަޕްޝަނަށް މަގުފަހިވާ ކަންކަން ލަސްވުމުގެ ސަބަބުން ނުބަލާ ދޫކޮށްލަން ދެވޭ ފުރުސަތެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.