މިއަހަރުގެ މާރިޗު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މާރިޗު މަހުގެ ތަފާސްހިސާބް ދައްކާ ގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އިހުމާލުވުމުގެ 24 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 08 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެކެވެ.
މީގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، ކުޑަކުދިންނަށް ޖިންސީ " ގްރޫމިންގް " ކުރުމުގެ 05 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ، ކުޑަކުދިންގެ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯގެ 01 މައްސަލައާއި އެހެނިހެން 03 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 60 މައްސަލައަކާއި ފިރިހެން ކުދިންގެ 32 މައްސަލައެކެވެ.
ކުޑަކުދިންގެ ޚައްޤުތަކާއި ގުޅުންހުރި 01 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު އެއީ ކުދިން ސްކޫލަށް ނުފޮނުވުމާއި ގުޅޭ 01 މައްސަލައެވެ.
ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 14 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލައާއި، ހަޟާނާގެ މައްސަލަތަކުގެ 04 މައްސަލަ އަދި އެހެނިހެން މައްސަލަތަކުގެ 01 މައްސަލައެވެ. ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 15 މައްސަލައާއި ފިރިހެން ކުދިންގެ 18 މައްސަލައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 24 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 18 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 06 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 12 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި އަންހެނުންނާއި ގުޅޭ މައްސަލަތަކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 02 މައްސަލަ، އިހުމާލުވުމުގެ 02 މައްސަލަ، މާލީ/ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގެ ހުރަސްއެޅުމުގެ 02 މައްސަލަ، ފާރަލުމުގެ 01 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ، ހިފެހެއްޓުމުގެ އަމަލުގެ 01 މައްސަލައާއި، ގަދަކަމުން ގެއަށް ވަނުމުގެ 01 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 40 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 10 މައްސަލައެކެވެ.
އދި މީގެ އިތުރުން އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 16 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 08 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 03 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 05 މައްސަލައެކެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލަ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލަ، މާލީ ގޮތުން އެހީތެރިކަން ބޭނުންނާ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލަ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 01 މައްސަލައާއި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 01 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ހިމެނެނީ ފިރިހެނުންގެ 04 މައްސަލައާއި އަންހެނުންގެ 12 މައްސަލައެވެ.
އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 03 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން، ރިޕޯޓުކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަން ތަހައްމަލުކުރަމުންދާ ކުޑަކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 02 މައްސަލައާއި، ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 01 މައްސަލައެވެ. މީގެ އިތުރުން ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންނާއި ގުޅުންހުރި 03 މައްސަލައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2026 ވަނަ އަހަރުގެ މާރިޗު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިންނެވެ. އެގޮތުން، ހިމެނެނީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ. ހަމައެހެންމެ، މާރިޗު މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 01 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ހަވާލުކުރެވިފައިވެއެވެ.
މިއަހަރުގެ އަހަރުގެ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2046 ކޯލު ވަނީ ލިބިފައެވެ. އެގޮތުން، އެ ވުޒާރާގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1646 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 105 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1206 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 335 ކޯލު ވަނީ ލިބިފައެވެ. ހަމައެހެންމެ، އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 400 ކޯލު ވަނީ ލިބިފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ 83 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވެއެވެ. އަދި 01 ފަރާތަކަށް ޓްރެއުނިންގ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، 05 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 56 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފަ ކަމަށް އެ ވުޒާރާއިން ބުނެއެވެ.