މަސްވެރިކަމުގެ ޤާނޫނަށް ގެންނަ އިސްލާހާއެކު މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަލްސަން މިހެން ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާދެއްވާ ވާހަކަދައްކަވަމުންނެވެ.
އެ ބިލު ހުށަހަޅުއްވައިދެއްވައި ވާހަކަދައްކަވަމުން އަލްސަން ވިދާޅުވީ މި އިސްލާހާއެކު މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ.
އަދި މި އިސްލާހާއެކު ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށާއި މި ބިލުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި އެކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައް ހިމެނިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށްވެސް އަލްސަން ވިދާޅުވިއެވެ.
ހަމައެހެންމެ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތްތަކުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، އަދި އެ މަސްވެރިކަމުގެ ސަބަބުން އެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން ޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއް މި ބިލުގައި ބަޔާންކޮށްފައިވުމީވެސް މި ބިލު މުހިންމުވާ ސަބަބެއް ކަމަށް އަލްސަން ވަނީ ވިދާޅުވެފައެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި މަސްވެރިކަމާއި ގުޅުންހުރި ވުޒާރާއަށް ގިނަ ބާރުތައް ދޭގޮތަށް ހިމަނާފައިއޮތުމުން ކަންބޮޑުވާ ކަމަށެވެ.
މިގޮތުން މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުން ކަމުގައިވާ އެންދެރިއާއި މިޔަރާއި މިހެންގޮސް ކަނޑުގެ އަޑީގައިވާ އެތައް ބައިވަރު ކަންކަން، މީގެ ސަބަބުން މިނިސްޓްރީއަށް މިދެވޭ ބާރުގެ ސަބަބުން މުޅި ކަނޑުގެ ހަޒާނާ އެއްކޮށް ވިއްކާލެވިދާނެކަމުގެ ބިރުވެސް އެބަ އޮތްކަމުގައި އޭނާ ވިދާޅުވިއެެވެ.
އަދި އެ ބިލަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ އެކި ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާޢަތް ސިޔާސީ ކުރުމުގެ ސަބަބުން މުޅި ސިނާޢަތަށް އޭގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގިނަ ކަންކަމަށް ހައްލު ލިބިގެންދާކަމަށެވެ.