އައިޖީއެމްއެޗްގެ އާބަން ހެލްތު ކެއާ ސެންޓަރު(ޔޫޕީއެޗްސީ) މަރާމާތަށް، ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސެންޓަރު ބަންދުކުރީ މަރާމާތުކުރުމަށް ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށް، މި މަހުގެ 20 އިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ހާމަކުރެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މީގެ އިތުރުން ދަމަނަވެށިން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އައިޖީއެމްއެޗްގެ އާބަން ހެލްތު ކެއާ ސެންޓަރު ހުޅުވީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އާބަން ހެލްތު ކެއާ ސެންޓަރުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ އިތުރުން ޤައުމީ ފެންވަރުގައި ހިންގާ ޢާންމު ޞިއްޙަތުގެ ޕްރޮގްރާމްތައް ހިންގާނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކްލިނިކްތަކުގެ ޚިދުމަތްވެސް އެ ސެންޓަރުން ފޯރުކޮށްދެއެވެ.