ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު 06:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު ވަނީ މި އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން" މި ޝިއާރު ހާމަ ކޮށްދެއްވާފައެވެ.
މިއަދު ހެނދުނު ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ.
އެމްއެންޑީއެފުން ބުނީ 2026ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.