ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވެއެވެ.

އެމްއެންޔޫ ކައިރީގައި ހުންނަ އެ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެނީ އެ ތަނުގައި ކިޔަވާ ކޯސްތަކުގެ ދަރިވަރުންނެވެ. އަދި އެ ދަނާލުގައި އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެއެވެ.