ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ‏ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ. ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ތިޔަކޮށްދެއްވަވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަމުން، މި އުފާވެރި 134 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އަރިސްކުރަން." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.