މީދާ މަރާ ވިހަ ހުރި ކަމަށް އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ "ހިޕް" ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރުމަނުގެ މަޝްހޫރު "ހިޕް" ކުންފުނިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބާޒާރުން އަނބުރާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އެ އުފެއްދުންތަކުގައި މީދާ މަރާ ވިހަ އެކުލެވިގެންވާ ކަމަށް ޝައްކުކުރެވިގެން އޮސްޓްރިއާގެ ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާތީ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
މި ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތަކެތި ނޫން ކަމަށާއި ނަމަވެސް، އަމިއްލަ ބޭނުންތަކަށް މީހުން ރާއްޖެއަށް މިފަދަ ތަކެތި އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ނަންބަރު 3034213 ނުވަތަ 7603204 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.