ސިޔާސީ ހަރަކާތްތައް ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެޗްއާރްސީއެމުން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން މިގޮތަށް ގޮވާލާފައި ވަނީ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ.
އެޗްއާރްސީއެމުން ބުނީ އެ ބަޔާން ނެރުނީ ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާ ގޮތެއްގައި މާލޭސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެ ވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކައި އާންމުވަމުންދާ ސިޔާސީ ޙަރަކާތްތަކާ ގުޅޭގޮތުން ކަމަށެވެ.
އެ ބަޔާނުގައި އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށެވެ.
އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ޙައްޤެއްކަމުގައި ވީނަމަވެސް، މި ޙައްޤުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުޑަނުވާނެގޮތަށް ކަމަށްވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއް ކަމަށެވެ.
މިފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އަދި މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާ ތަކުން މިކަންކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފާއެވެ.
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން އިސްކޮށް، ހަމަނުޖެހުން ހިންގުމަށާއި، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމަމިއާއެކު، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެގޮތަށް ސިޔާސީ ހަރަކާތްތައް ރޭއްވުމަށް އިސްކަންދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.
އަދި ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށް ގެންދެވޭ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.