ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އުފެއްދުމަށް ނިންމައިފި އެވެ.

މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބަލަސުބްރަމާނިއަންގެ އިތުރުން ދެ ގައުމުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ހަރުދަނާ އިގްތިސާދީ އޮނިގަނޑެއް ބިނާކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިވެރިންނަށް ފަހިވެފައިވާ ވިޔަފާރީގެ ފުރުސަތުތަކާއި އަދި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.