މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް އެ މަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމައިފި ކަމަށެވެ.

އަދި އެ މަނިކުފާނަށް ތާއީދުކޮށްދެއްވައި ވޯޓު ދެއްވުމަށް ވަނީ އެދިވަޑަައިގެންފައެވެ. ެއެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު ކުރިމަތިލައްވަން އުޅުއްވާކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު އެމަނިކުފާނު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ޗެއަރޕާސަން ކަމަށް އެ މަނިކުފާނު ނުކުންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު އިއްޔެ ވިދާޅުވީ ޕާޓީގެ ކަންކަން ރަނގަޅަށް ކުރެވޭނީ އެ މަނިކުފާނު އެ މަގާމަށް ވަޑައިގަތުމުން ކަމަށެވެ.