ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ 500 އެނދުގެ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަން ހާމަ ކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތަށް މިހާރު ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ އަމާޒަކީ މި އަހަރުގެ މެދުތެރޭގައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި ހުރި ހޮސްޕިޓަލުގެ ގޯތިތެރޭގައި އިތުރު އިމާރާތެއް އެޅުމަށް އިންޑިއާގެ އެލް.އޯ.ސީ (ލައިން އޮފް ކްރެޑިޓް) އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެ ހޮސްޕިޓަލް ފެންނާނެ ކަމަށެވެ.
މިގޮތުން ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި މިހާރު ޕްރޮޕޯސަލްތައް އޮންނަ އުޞޫލުތަކުގެ ތެރެއިން ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުން ދޭނެ ޚާއްސަ ޚިދުމަތްތައް:
• މާބަނޑު މީހުންނަށް ދޭ އެކިއެކި ޚިދުމަތްތައް
• ފެމިލީ ޕްލޭނިންގ ސަރވިސް
• ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ
• ކުޑަކުދިންގެ ޚާއްސަ ބަލިތަކަށް ދޭ ފަރުވާ
• އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން
• ރަޙިމުގެ ދޮރުގެ ކެންސަރަށް ސްކްރީން ކުރުން
• އައިޔޫއައި އާއި އައިވީއެފްގެ ޚިދުމަތް