ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން އެ މަގާމަށް ފަނޑިޔާރު ޖަމީލްގެ އިތުރުން ދެން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އަދި މުހައްމަދު ޝަނީޒެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2025 އޯގަސްޓް 03 ވަނަ ދުވަހުއެވެ.