ދައުލަތުގެ ހަރަދު ކުޑަކުރަން ފަށަންވާނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ނޫން ކަމަށާއި ސިޔާސީ މަގާމުތަކާއި އެހެނިހެން ހަރަދުކޮށް ކުޑަކޮށްގެން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ކުއްލި ގޮތަކަށް އެންގުމާ ގުޅިގެން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ ހުށައެޅި ކުއްލި މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދު ދަށްވެ، ރައްޔިތުންނަށް ދަތިވަމުންދާ ވަގުތެއްގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ އާއިލާތަކަށް ސީދާ މާލީ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށޤ މެންބަރު ވަނީ ވިދާޅުވެފައެވެ.
އަދި އޭގެ އިތުރުން މެންބަރު ޝަހީދު ވަނީ މިއީ އެއްވެސް ޕްލޭނެއް ނެތި ކުއްލި އަކަށް ކުރަން އުޅޭކަމެއް ކަމަށާއި އަދި އެ މުވަޒަފުން ވަކި ކުރަނީ ވަޒީފާއާއި ބެހޭ ގާނޫނުގައި ލާޒިމްކުރާފަދަ އެކަށީގެންވާ ސަބަބަކާ ނުލާ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީ ސަރުކާރުގެ އިސްވެ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ވީނަމަވެސް ހަރަފުތައް ކުޑަ ކުރުމަށް ސަރުކާރުން އެހެން އެއްވެސް ކަމެއް ނުކުރާކަން ފާޅުކަން ބޮޑުކޮށް އެނގޭކަމަށާއި ޕްރައިވެޓް ސެކްޓާގައި ވަޒީފާތައް އުފެދިފައި ނުވަނީސް ވަޒީފާތަކުން ކަނޑައިލުމަކީ ދައުލަތުން އެނގިތިބެ ރައްޔިތުންނަށް ޖައްސާ ތުރާލެއްކަން ހާމަވާކަން ކަމެއް ކަމަށް ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ބަހުސް ނުކޮށް ރައްޔިތުންގެ މަޖިލީހުން މިމައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 12 މެންބަރުން އަދި ބަހުސް ކުރުމަށް ނުފެންނަ ކަަމަށް 39 މެންބަރުން ވަނީ ވޯޓު ދީފައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި 42,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެއެވެ. އެ އަދަދުން ބަލާއިރު، ސަރުކާރުން ނިންމާފައިވާ ގޮތަށް 33 ޕަސެންޓު މުވައްޒަފުން މަދުކޮށްފި ނަމަ، 13,000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.