މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑު މުހައްމަދު ސައީދު، ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ހައްލެއް (ހަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ) ހޯއްދެވުމަށް ނިންމަވާފައެވެ.

މީގެ އިތުރުން ކަމާބެހޭ ވުޒާރާތައް ގުޅިގެން މިފަދަ ހައްލެއް ހޯދުމަށްޓަކައި ދިރާސާއެއް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ރިސާޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ވަނީ ނިންމަވާފައެވެ.

ހަމަމިއާއެކު ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންކުރާ މިފަދަ ވަސީލަތްތައް ވިއްކާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އެ ޖަލްސާގައި، ގައުމުގެ ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެކުލަވައިލައިފައިވާ އޮނިގަނޑާ ގުޅޭ ގޮތުން ސައީދު، ހުށައެޅުއްވި ކަރުދާހަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މި މަޝްވަރާގެ އަލީގައި، ރާއްޖޭގައި ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް މިހާރު އޮތް ގާނޫނުގެ ތެރެއިން ހައްދަވަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑާޑްތައް ހައްދަވައި، އެއަށް އިތުރަށް ބޭނުންވާ ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭގޮތުން 'މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ"ގައި މަޝްވަރާކުރެއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން މިއާ ގުޅޭ ކަންކަން ނިންމެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ވަނީ ހަމަޖައްސަވާފައެވެ.