ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތަށް ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި " ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި އިނާމެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން މި އިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖްތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް" ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއައްތަކާއި އިދާރާތަކަށް މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެގޮތުން މި އެވޯޑަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު tobaccofreemaldives@hpa.gov.mv އަށް މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮންމެ އަހަރެއްގެ 31 މޭއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ފާހަގަކުރާ ދުވަހެވެ. މި ދުވަސް ރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ.

މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުން މިއެވެ.