ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމި، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު ވަރަށް ބޮޑަށް އެދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، ސަރުކާރުން އެ މަސައްކަތުގައި ކޮންޓްރެކްޓަރަށް ދެންޖެހޭ އެންމެހާ އެއްބާރުލުން ދެމުންދާކަމަށެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރު، ބުރިޖުގެ މަސައްކަތް ނިންމަން ދިން އެތަށް ތާރީހްތައް ފަހަނައަޅާފައިވާކަމަށާއި ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށްވެސް ދެމުން އައިނަމަވެސް، ހިތްހަމަޖެހޭ މިންވަރަށް އަވަސްމިނުގައި މަސައްކަތް ކުރިއަށް ނުދާކަމަށެވެ.

ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީހް ދިން. އެކަމަކު ދިމަލެއް ނުވި. މިހާރު 2027 އަށް ނިންމަން ކޮންޓްރެކްޓަރު ތާރީހް ދީފައިވަނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ، ނިމުނު ސަރުކާރު ވެރިކަމުން ފޭބުމުގެ ކުރިންނެވެ. ނަމަވެސް އެ ތާރީހަށް މަސައްކަތް ނުނިމި ދިގުލާ، އޭގެ ފަހުންވެސް ކޮންޓްރެކްޓަރު އެދިގެން މުދަތު އިރުކޮށްފައިވެއެވެ.

ސަރުކާރުން ދިން ތާރީހްތައް ފަހަނައަޅާ، ކޮންޓްރެކްޓަރު އެދިގެން ކުންފުންޏަށް ގެއްލުންވާގޮތަށްވެސް އެ ކުންފުނިން ވަގުތު ހޯދަން އެދިފައިވާއިރު، އެއީ އެ މުއްދަށް 100 މިލިޔަނަށްވުރެ އިތުރަށް ކުންފުނިން ހަރަދުވާގޮތަށް، 30 މަސް ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ 71.60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 އިންސައްތަ ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައިވާއިރު 54 އިންސައްތަ ސެގްމަންޓްސް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ.

ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ހެދުމަށް ހަމަޖައްސާފައިވާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖައްސާފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތެވެ.

ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައެވެ.

މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫއަށް ހަރަދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.