ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަމުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އެކުލަވައިލުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްވަމުން ރައިސް ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ އިސްލާހީ އެޖެންޑާގެ ދަށުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ ބަދަލުކުރުމާ ގުޅިގެން ނުސީދާގޮތުން ނަމަވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެފައިވާ ކަމަށެވެ. އަދި ކުރިން ގާނޫނު އޮތްގޮތަށް ބަދަލުތައް ގެންނަވައި ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ކައުންސިލެއް ކަމަށާއި މި ކައުންސިލްގައި ފަންނީ ދާއިރާގެ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އިސްލާހާއެކު ޑީޖޭއޭއަކީ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ގާނޫނަށް ގެނައި ބަދަލާއެކު މުޅިން އެއްކޮށް ބާރު ބަދަލުވައި މި އޮންނަނީ ޖޭއެސްސީގެ ދަށަށް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން މިހާރު އޮތްގޮތުން ކޯޓުތަކުގައި އެންމެ ބާރުގަދަ ފަރާތަކީ އެޑްމިނިސްޓްރޭޓަރު ކަމަށާއި މީގެ ސަބަބުން ކޯޓުގެ ހިންގުމަށް އަސަރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށްވެސް ބަދަލު ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން މިގެނައި ބަދަލުތަކުގެ ތެރޭގައި ދަށު ކޯޓުތަކުގައިވެސް އެޑްމިނިސްޓްރޭޓަރު އެންމެ ބާރުގަދަ މީހަކަށް ހުންނަނީ. އިސް ފަނޑިޔާރެއް ނޫން. ތަނުގެ އެންމެ އިސްމީހާއަކީ އޭގެ ދަށުން ހުންނަ މީހާގެ ބާރުގެ ދަށުގައި ހުންނަ މީހަކަށް އޮތުމަކީ ޖުޑީޝަރީގެ ތެރޭގައި އަސްލު ފަންކްޝަނަލިޓީއަށް އަސަރު ކުރާނެ ކަމެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގާނޫނުތަކަށް ގެންނަންޖެހޭ މިފަދަ އިސްލާހީ ބަދަލުތައް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމަށާއި ވަކި އިންސައްތައެއް ޒުވާނުންނަށް ހާއްސަކުރުމާ ގުޅުންހުރި އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.