މިދިޔަ ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 12 އިން 18 އަށް ސްކޭމްގެ 41 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ސްކޭމްތަކުގައި ޖުމުލަ ގެއްލުނު އަދަދަކީ 496،383.50 ރުފިޔާއެވެ. އޭގެ ތެރެއިން 211،684.50 ރުފިޔާ ވަނީ ރިކަވާކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަ އަދި އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 9 މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 3 މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ 1 މައްސަލައެއް ހިމެނެއެވެ. އަދި އެހެނިހެން ބާވަތުގެ 8 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
ފުލުހުން ބުނީ އެ ސްކޭމްކުރަން ބޭނުންކޮއްފައިވާ މަންސަތަކަކީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ކަަމަށެވެ.
ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބުވަނީ އެފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށްވެސް އެސެންޓަރުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.