ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަމީން ވިދާޅުވީ، 2025 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް 84 ޖެޓް އައިސްފައިވާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު މި އަދަދު 189 އަށް އަރާފައިވާ ކަމަށެވެ. މިއީ 125 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
އަމީން ވިދާޅުވީ، ހައި-އެންޑް ޓޫރިޒަމް ނުވަތަ މުއްސަނދި ފަތުރުވެރިންގެ މާކެޓަށް ބަލާއިރު، ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އޭޕްރީލް މަހުގެ ތަފާސްހިސާބަށް ބަލާއިރު، 2025 ވަނަ އަހަރު 64 ޖެޓުގެ ބަދަލުގައި މިއަހަރު 93 ޖެޓް ވަނީ އައިސްފައެވެ. މިއީ، 45.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގެ މަސްރަހު ކޮންމެދުވަހަކުވެސް ވަަރަށް ބޮޑަށް ބަދަލުވަމުންދިޔަ ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލްކުރަމުންދާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 7,085 ފަތުރުވެރިން އައި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެ އަދަދު ހުރީ، 6,855 ގައި ކަމަށެވެ. މިއީ، 3.2 އިންސައްތައިގެ ދަށްވުމެކެވެ.
ނަމަވެސް މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިން އައި އަދަދު ވަނީ 2.2 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖުމްލަ 35,653 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު އަމީން ފާހަގަކުރެއްވިއެވެ. އަދި މިއީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެއާލައިންތަކަށް ދިމާވި ދަތިތަކަށްފަހު ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
އަމީން ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތުން މުޅިން ހުއްޓިފައިވާ އެއާލައިންތަށް އަލުން ފަށާފައިވާކަމަށެވެ.
ފަތުރުވެރިކަމުގެ މާކެޓަށް އައި އަނެއް ބޮޑު ބަދަލަކީ، އޮސްޓްރޭލިއާ މާކެޓު ރާއްޖޭގެ ގަދަ 10 މާކެޓުގެ ތެރޭގައި ހިމެނުމެވެ. ވަޒީރު ވިދާޅުވީ، މޯލްޑިވިއަން އެއާލައިނުން އޮސްޓްރޭލިއާއަށް ކުރަން ފެށި ދަތުރުތަކަކީ، މި ކުރިއެރުމަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ދަތި ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.