ސާފު ނުކުރާ ތެލުގެ އަގު ދަށްވި ނަމަވެސް ސާފު ކުރި ތެލުގެ އަގު އެހާ އަވަހަށް ދަށް ނުވެދާނެ ކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ވާއްވާފައިވާ ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ސާފު ކުރި ތެލުގެ އަގު ކުރީގަ ހުރި ލެވެލް އަށް ނުވަތަ އެޔާ ކައިރި ކުރާ އަދަދަކަށްވެސް ދަށް ނުވެދާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ތެޔޮ ސާފުކުރާ ކާރުހާނާ ތަކަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށާއި، ސްޓޯރޭޖަށްވެސް ގެއްލުން ލިބިފައިވާކަމަށެވެ.
މީގެ އިތުރުން މިހާރު ތެޔޮ މަދުވެފަ ހުރި ހިސާބުތަކަށް ތެޔޮ ދާންވެސް ވަރަށް ވަގުތުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ފޯކަސް މިހާރު އޮތީ ހުއްޓުމެއްނެތި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި އެކަމާ އެއްވެސް ފަރާތަކަުން ސުވާލު ނޫފައްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ތެލުގެ އިތުރު ޝިޕްމެންޓުތައް އަންނަން ތައްޔާރުވެފައިވާކަމަށެވެ.
މީގެ އިތުރުން ރަމަޟާން މަސް ނިމިގެން އައިއިރު، މަސްވެރިކަން ވަރަށް ދަށްވެފައިވާކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ ރައީސް އިހްތިޔާރު ކުރެއްވީ ތެޔޮލުގެ އަގަށް ބަދަލު ނުގެނެސް މަސްވެރިންނަށް މަހަށް ދެވޭނެ ގޮތެއް ރާވައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
ޒަމީރު ވިދާޅުވީ ތަކެތީގެ އަގުތަށް ކޮންޓްރޯލް ކުރުމަށްޓަކައި، ބޭރު ފައިސާވެސް ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށެވެ.
މީގެ ނަތީޖާ އަކީ ޕްރައިސް ޝޮކް އަކަށް ނުގޮސް އިންޓަނޭޝަނަލް މާކެޓުގަ އައިސްފައިވާ ބަދަލުތަކާއި އެކުގައި އެންމެ ޝޮކް ކުޑަވާނެ ގޮތަކަށް މަސައްކަތް ކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކުތަކާއި އެކު މަސައްކަތް ކޮށްގެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.