އުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި މީހެއްގެ މައްޗަށް 16 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ މުމުރުން 47 އަހަރުގެ މުޙައްމަދު އަނިލްގެ މައްޗަށެވެ. އަނިލްގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލައިފައެވެ. މި މައްސަލައިގައި ހުށަހެޅި ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، އަނީލްގެ މައްޗަށް ހުކުމް ކުރީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން އަނިލް 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން އަނިލް، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި ހަތަރު އަހަރާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެކެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް، އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރާނެ ކަމަށެވެ.