ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް މުރަކަ އިންދުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިއީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށް އެޗްޑީސީން ހާމަކުރެެއެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ބުނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން cest@hdc.mv އަށް އީމެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ތިމާވެއްޓާ ގުޅުންހުރި މިފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެކި ޖަމިއްޔާ ޖަމާއަތްތަކުންދޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އާ ދިރުމެއް ލިބި، ތިމާވެށީގެ ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން އުންމީދު ކުރެއެވެ.