ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެގޮތުން ޖުމުލަ 169 މީހުންނަށް މިހާރު ވަނީ ބިން ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން ދާއިރު މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފަވާއިރު، މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:

  • 1250 އަކަފޫޓުގެ 669 ގޯތި

  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

ގުޅިފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ.

އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފައެވެ.