ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު 3 ޖެހުމާއި ހަމައަށް 63% މީހުން ވޯޓު ލައިފިއެވެ.

މިއަދު ކުރިއަށްގެންދަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ވޯޓު އެއްވަރުވުމުގެ ސަބަބުން ގޮނޑި ކާމިޔާބު ކުރި ފަރާތެއް ކަނޑަނޭޅުނު ފަސް ދާއިރާއެއްގެ ވޯޓުލުމެވެ.

އެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ.

އީސީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު މެންދުރުފަހު 3 ޖެހުމާއި އާ ހަމައަށް 3892 މީހުން ވަނީ ވޯޓުލާފައެވެ.

މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 63.88. އިންސައްތައެވެ.

އީސީން ބުނީ ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1924 އަންހެނުންނާއި 1968 ފިރިހެނުން ކަމަށެވެ.

މި އިންތިހާބުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.