ސިޔާސީ މަގާމުތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ އިސް ސަފުގައި ތިބެންޖެހޭ ބައެއް ކަމަށެވެ.

އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅެއް ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ވަޒީރުން އިސްތިއުފާ ދެއްވީވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

"އެ އޮނިގަނޑަށް އައި ބަދަލުގެ ތެރެއިން ވަޒީރުންގެ މަޖިލީހަށް އައި ބަދަލު އައީ މާނަޔަކީ މިއީ މިއުޒިކަލް ޗެއަރ އެއް ނޫންމިތަނުންއެއް ބޭފުޅަކު ތެދުވެފަ އަނެއް ބޭފުޅަކު އިށީނީކީ ނޫން.ވަރަށް ރަނގަޅަށް ދިރީސީ ނަޒަރިއްޔާއަކު ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އޮނިގަނޑަށް ބަދަލެއް އައިސްފިކަން.މަސައްކަތްތައްވެސް އެއްތަނުން އަނެއްތަނަށް އެބަހުރި ބަދަލުވެފަ އެއްވުޒާރާ އޭގެ ޒާތުގަ އުވިގެންވެސް ގޮސްފި ދެއްތޯ.އެ މަސައްކަތްވެސް އިތުރަށް ވަޒީރުންގެ މަޖިލީހުގެ ފެންވަރުނުވަތަ ވުޒާރާއެއްގެ ފެންވަރު ހިންގާނެ ވިސްނުން ދޫކޮށްލައިފި."

ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

މީގެ އިތުރުން މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބެ އެދެވޭ ނަތީޖާ ނުނެރެވޭނަމަ މަގާމުން ވަކިވާން ޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ އެކަމުގައި ޝަކުވާ ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށްވެސް މުންދު ވަނީ ވިދާޅުވެފައެވެ.