މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިފަދަ އުނދަގޫ ހާލަތެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސާ ސަރުކާރުން ދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުންނެވެ. އަދި މިކަމަކީ މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓާރ ވަނީ ދެއްވާފައެވެ.