ލުބުނާނާއި ޔަހޫދީންނާ ދެމެދު ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިންތިޒާމެއް ގާއިމުކުރެވުނުކަން އެމެރިކާއިން އިއުލާންކޮށްފައިވާ ކަމަށެވެ.
އަދި އެކަމަށް މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މިއީ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކުރުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށާައި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް އެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ކަންކަން މަގުފަހިކޮށްދިނުމުގައި ލުބުނާނު ސަރުކާރާއި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި މެދުއިރުމަތީގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢުން ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުންވަނީ ދެއްވާފައެވެ.
ހަމައެހެންމެ މިކުރިއެރުމުގެ ސަބަބުން، ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ އިސްކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.