މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން އެމްޓީސީސީން އެ ޚިދުމަތުގެ ޚާއްސަ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
މި އައު ބަދަލާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ޓެކްސީ ބުކްކުރުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް މެދުވެރިކޮށް ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަކަމާއެކު ނިންމާލެވޭނެ ކަމަށެވެ.
އެގޮތުން މި ޚިދުމަތް ހޯދުމަށް http://mtl.mtcc.mv ލިންކަށް ވަނުމަށްފަހު، ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުތައް ކުރަމުންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ދަރުތުކުރާ އަގުތައް:
* މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ
* މާލެ'އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ'އަށް : 70 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ'އަށް : 85 ރުފިޔާ
* ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ'އަށް : 100 ރުފިޔާ
އެ ހިދުމަތަށް ހޮޓްލައިން އަދި ވެބްސައިޓުން ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓެކްސީއަށް ރުފިޔާ ދެއްކުމުގެ ކަންމަށްވެސް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ހޮޓްލައިނަށް ގުޅައިގެން ޓެކްސީ ބުކް ކުރާނަމަ ޕޭމެންޓް ލިންކެއް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެއެވެ.
އަދި ވެބެސައިޓުން ބުކްކުރާނަމަ ސީދާ ވެބްސައިޓުގެ ތެރެއިންވެސް ރުފިޔާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.