އަހަރުގެ މިހާތަނަށް ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ 2ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 2.7 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައި ވަނީ 2.5 ބިލިޔަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށްކުރި ޚަރަދު އިތުރުވެފައިވީ ނަމަވެސް އާސަންދައަށްކުރި ޚަރަދު ވަނީ ދަށްވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް 436.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައި ވަނީ 607.8 މިލިޔަން ރުފިޔާއެެވެ.
އެހެންކަމުން މިއީ 28 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައި ވަނީ 2.02 ބިލިޔަން ކަމަށްވާއިރު އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އިނީ ގާތްގަނޑަކަށް 1.58 ބިލިޔަން ރުފިޔާއެވެ.
އާސަންދައަށް ކުރި ޚަރަދު ދަށްވެފައިވީނަމަވެސް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި ޚަރަދުވެސް ވަނީ ދަށްވެފައެވެ.
މިގޮތުން އަހަރުގެ މިހާތަނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްތަދުގައި މިކަމަށް ޚަރަދުކޮށްފައިވަނީ 81 މިލިޔަން ރުފިޔާއެވެ.
އެހެންކަމުން މިއީ 45 އިންސައްތަ ދަށް އަދަދެކެވެ.
ހަމައެހެންމެ މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޭ ގްރާންޓު އިތުރުވެފައި ވާއިރު އެ އަދަދުގެ ގޮތުގައި ވަނީ 634.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.