މިއަދު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމައަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއެވެ.
މިއަދު ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ. މި އިންތިޚާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެކެވެ.
އަދި މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ.
މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. އެގޮތުން، ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިޚާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.