މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ.

އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އަކީ ގައުމީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ އެ މީހުން ފޮރުވި ތިބެ ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތަކާއި އެ މީހުންގެ ފަރާތުން ކުރިމަތިވާ އިޖްތިމާއީ އެތައް މައްސަލަތަކެއް ހިމެނެ އެވެ.