ވިލިމާލޭގައި އޮތް ފުނަވައު ސަރަހައްދުގައި ސަރުކާރުން އަޅަން ނިންމި ފްލެޓް މަޝްރޫއުއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށްޓަކައި އެއީ އެންމެ ރަނގަޅު ގޮތްތޯ މަޖިލީހުން ބަލަން އެދި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުމަކަށް ގެންނަން ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް އެޑްރެސްކޮށް މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، މިފަދަ މަޝްރޫއުއެއް ހިންގަން ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރުތަކާ އަދި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެގޮތުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ތިމާވެށި ހިމާޔަތުގައި ތިބި ޖަމިއްޔާތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުން މި މަޝްރޫއުއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދު ތޮއްޖެހުމުން ދުރުވެ، ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ، ވިިލިމާލެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެއީ ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް މުހިން މުދައުރެއް އަދާކުރާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ހާއްސަ މަންޒިލެއް ކަމަށެވެ. ވިލިމާލޭގައި އިމާރާތް ކުރުމުގެ އުސޫލަށް އައި ބަދަލުތަކާއި އާ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލި، އެތަން ތޮއްޖެހިވާ ތަނަކަށް ބަދަލުވުމުގެ ބިރު އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ، އިމާރާތްތައް އިތުރުވުމަކީ ރަށުގެ ފެހިކަމާއި ހުސް ޖާގަތައް މަދުވެ، މާލެ ސަރަހައްދުގައި ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިންމު މާހައުލެއް ގެއްލިގެން ދާނެ ކަމެއް ކަމަށާއި، އެހެންކަމުން ވިލިމާލެއަކީ، ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިންމު ރައުސުލްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހެ ކަމަށެވެ.

އެހެންކަމުން މި މަޝްރޫއު ހިންގާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ކަންބޮޑުވުން ފާޅުކުރާ ފަންނުވެރިންނާ މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އެކަން މަޖިލީހުގެ ކޮމިޓީން ބެލުމުގެ ޒިންމާ ހަވާލުކޮށްދިނުމަށް އަބްދުއްރަހީމްގެ ކިބައިން ވެސް އެދިވަޑައިގެންނެވި އެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭ ސަރުކާރުން ވަނީ އާރުސީސީއާ ހަވާލުކޮށްގެން، ވިލިމާލޭގައި އަޅާ 300 ފްލެޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ރަސްމީކޮށް ބިންގާ އަޅައިފަ އެވެ.