ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިހާރު ތުރުކީވިލާތުގެ އިސްތަންބުލުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ 152ވަނަ އެސެމްބްލީގައި ތަގްރީރު ކުރައްވަމުންނެވެ.

އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫއަކީ، "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްހަ މަސަލަސްކަން ގާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މިއެވެ.

މަޖިލިސް ރައީސްގެ ތަގްރީރުގައި، ތައުލީމާއި، ސިއްހީ ހިދުމަތާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލު ކުރުމުގެ ތެރެއިން ރައްޔިތުން، ހާއްސަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތަކަށް ނަތީޖާ ނެރެވޭފަދަ ގާނޫނުތަކާއި، ސިޔާސަތުތަކާއި އަދި ބަޖެޓުތައް ބަދަލު ކުރުމުގައި ގާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސުލްހައާއި، މަޝްވަރާއާއި، އަދި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަގްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި އެ ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

އިންސާފު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ދީމިޤްރާޠީ މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ގާއިމުކުރުމާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ އިތުރުން ގާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ދީމިގްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ގާނޫނު ހެދުމުގެ މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އައި.ޕީ.ޔޫ އަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކުރުމަށް އޮތް މުހިއްމު މަންސައެއްގެ ގޮޔުގައި ފާހަގަކުރައްވަމުން، ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލެއްވި އެވެ.

މީގެއިތުރުން، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަމަލާތައް ހުއްޓާލުމަށް،ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މަޖިލީހުގެ ރައީސްގެ ތަގްރީރު ނިންމަވާލެއްވީ، ސުލްހަވެރި، އިންސާފުވެރި، އަދި އުންމީދީ މުސްތަގްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.