އުމްރާގެ އަޅުކަމަށް ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާ އަށް ދަތުރެއް ބާއްވަން ނިންމައިފި އެވެ.

އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ އޭގެ ސަބަބުން ދަތުރުގެ މަގު ކުރުވެފައިވާ ކަމަށާއި އަދި މައްކާ އާއި މަދީނާ އަށް ދާން އޮތް މަގު ކައިރިވެފައިވާ ކަމަށެވެ.

އެ ދަތުރުގެ ބުކިން އަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދަ ޓްރެވެލާގެ އެދުމުގެ މަތިން މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ 330 ބޯޓުން އަންނަ ޖުލައި މަހު އުމްރާ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ބޯޓުން އެއްފަހަރާ 264 މީހުން އުފުލޭނެ އެވެ. އަދި އާންމު އުސޫލުން ދޫކުރާ 46 ކިލޯ ވެސް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

މިހާތަނަށް އުމްރާގެ އަޅުކަމަށް ރާއްޖެ އިން މީހުން ފުރަނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވާއިރު ސީދާ އައްޑޫ ގަމުން ސައޫދީ އަށް ދަތުރެއް އެޅުމަކީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ލިޔާ ސޮފުހާއެކެވެ.