ކުރީގެ ރައީސް އަބްދުﷲ ޔާމީން، އުޅުއްވަނީ މާފުށްޓަށް ވަޑައިގަންނަވާ ހިތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. މުރައިދޫން ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައިވާހަކަ ދައްކަވަމުންނެވެ.

މުރައިދޫ ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ނެގީ ވެސް ޕީއެންސީންނެވެ.

ރޭގެ ޖަލްސާގައި ފަލާހް ވަނީ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ ރައީސް ޔާމީނަށް ގޭގައި އިންނެވުނީސްތޯ ސުވާލު ކުރައްވާފައެވެ.

އެގޮތުން ގޭގައި ތަށިމުށި ޖަހާ ތަނާއި ގޭގައި ފުޓްސަލް ދަނޑު ހަދާ ތަނާއި ގޭގައި މައިކް ހިފައިގެން ރީތި ވާހަކަ ކިއުއްވުމަށް އިންނެވުނީސްތޯ ފަލާހް ވަނީ ސުވާލު ކުރައްވާފައެވެ.

"އިހަށްދުވަހަކު ދައްކާ އެ ހަލާސްކުރީ މިދިޔަ ފަންސާހަކަށް ފަސްދޮޅަހަކަސް އަހަރު ތެރޭގަ ހުރިހާ ވެރިން ނެޕީޔާ އޭތި މީތި ގަންނާށާ އެތަށް މިތަން ކަންތައް ކުރަން ނަގާފަ ހުރި އެތަށް ބޮޑު ދަރަންޏެއް 524 މިލިއަން ޑޮލަރުގެ ލޯނެއް އެ އަދާކުރެއްވީ. އެ ބޮޑު ދަރަނި އަދާ ނުކުރެވޭނެ ކަމުގެ އުފާވެރިކަންމަތީގަ ލީޑަރުން ތިބީ ޞަލަވާތް ކިޔަވާލަ ކި.ޔަވާލަ.އަދާ ކުރީމަ ކީކޭަތޯ މި ބުނީ. މި މަގުގަ ހުންނާނެ ވަރަށް މޮޅު އިކޮނޮމިސްޓެއް އިންނަ ގެޔެއް. އިކޮނިމިސްޓު ކީކޭ ބުނީ. ތިބޭފުޅުން ބައްލަވާ އިކޮނޮމިސްޓު ދެއްކެވި ވާހަކަ.500 މިލިއަން ޑޮލަރު ދެއްކީ މުޅިން އެހެން ގޮަތަކަށް. ޕެންޝަން ފަންޑުގަ ހުރި ފައިސާޔާ. ބޭންކު އޮފް މޯލްޑިވްސްގަ ހުރި ފައިސާކޮޅަކާ. ރައީސް މުޢިއްޒު އަށް ލިބިވަޑައިގެންނެވި މުސާރަ ކޮޅާ. ރައްޔިތުންގެ މަޖިލިސް މެންބަރެއްގެ އަތުން 10،000 ރުފިޔާ ނަގައިނެންނާ، ގާޒީގެ އަތުން 2000 ރުފިޔާ ނަގައިގެންނާ މި އޭ 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ގޮތަކީ."

އިބްރާހިމް ފަލާހު

ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވެ ލައްވާނަމަ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަދަލެއް ގެނެވޭނެ ސުޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާނެ ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ފައިދާއާއި ލާބައަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ.

ހަމައެހެންމެ ރައީސް މުޢިއްޒު އަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މީހާރު ޔަޤީންވާނެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.