ރޫޓްސް އޭޝިއާ 2026 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެ ތާރީހީ ކާމިޔާބީއަކާއެކު ނިންމާލައި، އިންޓަނޭޝަނަލް ހަލާލް ޓުއަރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ( އިން ރޫޓްސް އޭޝިއާ 2027 އަށް "މޯލްޑިވްސް ޕެވިލިއަން" އިއުލާނުކޮށްފިއެވެ.

ޗައިނާގެ ޒިއާންގައި ކުރިއަށްދިޔަ ރޫޓްސް އޭޝިއާ 2026 ކާމިޔާބުކަމާއެކު ނިންމާލިއިރު، މިއީ ރާއްޖޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި މުހިންމު ކުރިއެރުމެކެވެ.

އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އޭވިއޭޝަން ފޯރަމް ކަމަށްވާ ރޫޓްސް އޭޝިއާގައި، ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއް ފުރަތަމަ ފަހަރަށް މި ފަހަރު ވަނީ ބަހައްޓާފައެވެ.

މިއީ އެއާލައިންތަކާއި، އެއާޕޯޓްތަކާއި، ފަތުރުވެރިކަމުގެ އިދާރާތަކުގެ އިތުރުން ސިނާއަތުގެ އިސްވެރިން ބައްދަލުވެ، ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި މާކެޓްގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ.

މި ހަރަކާތުގައި ބައިވެރިވެ ހޯދި ކާމިޔާބީން ދޭހަކޮށްދެނީ، އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ އައު ފުރުސަތުތައް އުފެދޭ މިފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖޭގެ ބައިވެރިވުން މެދުނުކެނޑި އޮތުމުގެ މުހިންމުކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު، ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ވަނީ އެއް ވުޒާރާއެއްގެ ދަށަށް ބަދަލުކުރައްވައި، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އުފައްދަވާފައެވެ. މިއީ ގައުމުގެ އެންމެ މުހިންމު ދެ ދާއިރާ އެއް ސްޓްރެޓީޖިކް އަމާޒެއްގެ ދަށުން ހިންގުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުން ދޭހަކޮށްދެނީ ފަތުރުވެރިކަމުގެ ކުރިއެރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާ ހުރި ގާތް ގުޅުމެވެ. އަދި ގައުމީ ތަރައްގީގައި ރޫޓްސް އޭޝިއާ ފަދަ ބައިނަލްއަގުވާމީ އޭވިއޭޝަން ފޯރަމްތަކުގެ މުހިންމުކަން މި ބަދަލާއެކު އިތުރަށް ހާމަވެގެންދެއެވެ.

އައު ޕެސެންޖަރ ޓާމިނަލަކާއި، އެއާޕޯޓްތަކުގެ ޖާގަ އިތުރުކުރުމާއި، ބައިނަލްއަގުވާމީ އަދި ޑޮމެސްޓިކް އެއާޕޯޓްތަކުގެ އަދަދު ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމަކީ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށާއި، މާކެޓްތައް ފުޅާކުރުމަށާއި، ވިޔަފާރި ދަތުރުތަކަށް މަގުފަހިކުރުމުގެ އިތުރުން ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ވައިގެ ދަތުރުފަތުރުގެ ވަރުގަދަ ގުޅުންތަކެއް ބޭނުންވެއެވެ.

ރާއްޖެއިން މި ހަރަކާތުގައި ބައިވެރިވުން އިތުރަށް ފުރިހަމަވެގެންދިޔައީ، ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޑރ. ފަޒީލް ނަޖީބު މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުންނެވެ. އެމަނިކުފާނު ވަނީ ރޫޓްސް އޭޝިއާ 2026 ގެ މަރުހަބާ ކިޔުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެން، ފުރަތަމަ ދުވަހު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވާފައެވެ.

އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުމުގެ ސަބަބުން މި ހަރަކާތަށް ޑިޕްލޮމެޓިކް ހައިބަތެއް ލިބި، އެއާލައިންތަކާއި ސިނާއަތުގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދިޔައެވެ. މިއީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިން ކަމެކެވެ.

ރޫޓްސް އޭޝިއާ 2026 އަކީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެ ގޮތުން.

އެއާލައިންތަކުގެ ސީ.އީ.އޯ އިންނާއި ރޫޓް ޕްލޭނަރުން

އެއާޕޯޓް އެގްޒެކެޓިވުން

ޓޫރިޒަމް ބޯޑުތަކާއި ފަތުރުވެރިކަމުގެ ބައިވެރިން

އިންވެސްޓަރުންނާއި ޑިވެލޮޕަރުން

އޭވިއޭޝަން ސަޕްލަޔަރުންނާއި ޚިދުމަތްދޭ ފަރާތްތައް

މީޑިއާ އަދި ސިނާއަތުގެ މާހިރުން

މި ހަރަކާތުގެ ތެރެއިން ރިޔާދު އެއާ، ވިއެޓްނާމް އެއާލައިންސް، ސެބޫ ޕެސިފިކް އަދި ޗައިނާގެ ލީޑިންގް އެއާލައިންތަކާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނެވެ. މީގެ ތެރެއިން ގިނަ އެއާލައިންތަކަކުން ވަނީ ކުރިމަގުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މީގެ އިތުރުން، އެއާޕޯޓް ތަރައްގީކުރުމާއި، ހޮޓާ އަދި ރިސޯޓް އިންވެސްޓްމަންޓްތަކަށް ޝައުގުވެރިވާ ޗައިނާގެ އިންވެސްޓަރުންނާވެސް ރާއްޖޭގެ ވަފުދުން ބައްދަލުކުރިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީގެ މުސްތަގުބަލަށް އޮތް އިތުބާރު ހާމަވާ ކަމެކެވެ.

އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން ވަނީ ޒިއާންގެ މައި މީޑިއާ ނެޓްވޯކްތަކަށް އިންޓަވިއު ދިނުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ސެޝަންތަކާއި، ސްޓްރެޓީޖިކް މީޓިންގތަކުގައި ބައިވެރިވެ، އޭޝިއާގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ މުސްތަގުބަލާ ބެހޭ މައުލޫމާތުތައް ހޯދާފައެވެ.

ރާއްޖެއަކީ ތިރީގައިވާ ކަންކަމަށް ތައްޔާރަށް އޮތް ގައުމެއްގެ ގޮތުގައި މި ހަރަކާތުގައި ދައްކާލެވުނެވެ.

ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަންޒިލެއް

އިންޑިއާ ކަނޑުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން މާކެޓެއް

އައު އެއާލައިން ރޫޓްތަކަށް ތައްޔާރަށް އޮތް މަންޒިލެއް

ފަތުރުވެރިކަމާއި އުމްރާނީ އިންވެސްޓްމަންޓްތަކަށް ހުޅުވިފައިވާ ގައުމެއް

އެއާޕޯޓްތައް ތަރައްގީކޮށް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާ މާކެޓެއް

މުސްތަގުބަލަށް އަމާޒު ހިފާފައިވާ، ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ފަތުރުވެރިކަމުގެ އިގްތިސާދެއް

ރޫޓްސް އޭޝިއާ 2026 އިން ސާފުވެގެން ދިޔައީ، މިފަދަ ހަރަކާތްތަކުގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމަކީ ދިގު މުއްދަތުގެ ސްޓްރެޓީޖިކް އިސްކަމެއް ދޭންޖެހޭ ކަމެއް ކަމެވެ

ޒިއާންގައި ލިބުނު ކާމިޔާބީއަށްފަހު، އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން މިވަނީ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޫޓްސް އޭޝިއާ 2027 ގައި، މިއަށްވުރެ ބޮޑު އަދި ފާހަގަކޮށްލެވޭ ފަދަ ގޮތަކަށް ބައިވެރިވުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފަ އެވެ.

އާދައިގެ ސްޓޭންޑެއްގެ ބަދަލުގައި، ރާއްޖެއިން މި ފަހަރު ބައިވެރިވާނީ ރަސްމީ "މޯލްޑިވްސް ޕެވިލިއަން" އަކާއެކުގައެވެ. މިއީ ބިޔަ، ބްރޭންޑިންގ ވަރުގަދަ، އަދި އޭޝިއާގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖޭގެ ހައިބަތު ދައްކާލެވޭނެ ފަދަ ގޮތަކަށް ފަރުމާކުރެވޭނެ ތަނެކެވެ.

މިއީ ވަކިން ޚާއްސަކޮށް 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ރަސްމީކޮށް އިޢުލާނުކޮށްފައިވާ އަހަރަކަށް ވާތީ، އެއާލައިންތަކާއެކު ގުޅުން އުފެއްދުމަށާއި، އިންވެސްޓަރުން ހޯދުމަށާއި، ރާއްޖޭގެ ބްރޭންޑް ދުނިޔޭގެ މާކެޓްތަކުގައި ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

ވަރުގަދަ ގައުމީ ތަމްސީލުވުމަކަށް އެންމެން އެކުގައި

އައި.އެޗް.ޓީ.އޯ އިން އުއްމީދުކުރަނީ ތިރީގައިވާ ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރުމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

ގައުމީ އެއާލައިން (މޯލްޑިވިއަން)

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)

ރާއްޖޭގެ އެހެނިހެން އެއާޕޯޓްތައް

ރާއްޖޭގައި ހިންގާ އެއާލައިންތައް

އޭވިއޭޝަން ދާއިރާގެ މުހިންމު ބައިވެރިން

ފަތުރުވެރިކަމާއި މެހެމާންދާރީގެ ބައިވެރިން

އިންވެސްޓަރުންނާއި ޑިވެލޮޕަރުން

އެންމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ބާރުވެރިކަން ދައްކުވައިދޭ، ފުރިހަމަ އަދި ދުނިޔޭގެ ފެންވަރުގެ "މޯލްޑިވްސް ޕެވިލިއަން" އެއް ދައްކާލުމެވެ.ރޫޓްސް އޭޝިއާ 2026 އަކީ ހަމައެކަނި މައުރަޒެއްގައި ބައިވެރިވުމެއް ނޫނެވެ. އެއީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް އައި މުހިންމު ބަދަލެކެވެ.