ހަނގުރާމައިގެ މި ދަނޑިވަޅުގައިވެސް ސަރުކާރުން ކަންކަން މެނޭޖުކުރަނީ ވަރަށް ރަނގަޅަށް ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު ވިދާޅުވީ ސަރުކާރުން މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ގައުމު މެނޭޖު ކުރަމުންދަނީ ރައްޔިތުންނަށް އެކަމުގެ އުނދަގޫ ނުޖެހޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ނަސީބު ރަނގަޅުކަމުން އޮމާނުން ސީދާ ރާއްޖެއަށް ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާތީ ތެޔޮ ލިބޭނެ ކަމަށެވެ.

ނަސީބު ރަނގަޅުކަމުން އަޅުގަނޑުމެންނަށް އޮމާނުން ޑައިރެކްޓް ކޮށް ތެޔޮ ގެނެވޭނެ ގޮތެއް ވެފައި އޮތީމަ ތެޔޮ ލިބޭނެ، އެކަމު ތެޔޮ ފީފާގެ އަގު މައްޗަށް އަރައޭ"

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހުލޫފު

މަހްލޫފް ވިދާޅުވީ ބައެއް ގަމުތަކަށް ނަސީބު ދެރަކަމުން ތެޔޮވެސް މިއަދު ނުލިބޭ ކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މި ހަނގުރާމައާ ގުޅިގެން ބައެއް ނޫސްވެރިން އުފާފާޅު ކުރާހެން ހީވާކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑަށް ހީވޭ ބައެއް ނޫސްވެރިން ވެސް އުޅޭހެން މި ހަނގުރާމަ ފެށުނީމަ އުފަލުން، ހީވޭ ބައެއް ފަހަރު ދުއާ ކުރާހެން ތެޔޮ ފީފާގެ އަގު 200 އަށް އަރާތޯ"

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހުލޫފު

މަހްލޫފް ވިދާޅުވީ އެއީ ހަގީގަތް ކަމަށެވެ. އަދި އެކަމާ ދެރަ ވާކަން ފާހަކުރައްވާ އޭނާ ވިދާޅުވީ ހީނުކުރާ މިންވަރަކަށް މިކަން ގޮސްފިއްޔާ ގައުމަށާއި، ރައްޔިތުންނަށް އަދި އެންމެންނަށްވެސް ގެއްލުން ލިބޭނެ ކަމަށެވެ.

އޭނާ ބުނީ ރައްޔިތުން އުންމީދުކުރާ ގޮތަކީ މެދުއިރުމަތީގައި ހަނަގުރާމައެއް ހިނިގިއަސް ރާއްޖެގައި ޕެޓްރޯލާއި، ތެލުގެ އަގު ބޮޑުވާން ނުޖެހޭނެ ކަމަށެވެ.

މަހްލޫފު ވިދާޅުވީ އެންމެންވެސް ދުއާ ކޮށްގެން މިކަމުން ސަލާމަތްވާނެ ގޮތަކާމެދު ވިސްނަންޖެހޭ ކަމަށެވެ.