މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ސަދަގާތެއް ނޫން ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާގެ މައުލޫ އަކީ "އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރު" އެވެ.
ހުކުރު ޙުތުބާގައި ބުނީ މުދަލު ޒަކާތަކީ ނިކަމެތީންނަށް ވެދެވޭ އިހުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނޫން ކަމަށެވެ.
މީގެ އިތުރުން ޒަކާތަކީ މާތް ﷲ ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެއްކަން ފާހަގަކޮށް ޙުތުބާގައި ބުނީ އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމަށެވެ.
ޙުތުބާގައި ބުނީ ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވާކަމަށެވެ.
ޒަކާތުގެ މާނައަކީ ތާހިރުވުމާއި އިތުރުވުން ކަމަށާއި ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ތާހިރުކޮށްދޭ ކަމަށް ޙުތުބާ ގައި ބުނެފައިވެއެވެ. އަދި ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވޭ ކަމަށް ޙުތުބާ ގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކީރިތި ގުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތްﷲ ވަޙީކުރައްވައިފައި ވާ ކަމަށްވެސް ބުނެފައިވެއެވެ.
ޙުތުބާގައި އިތުރަށް ބުނީ ޒަކާތަކީ، ހަމައެކަނި ދޭ ހަދިޔާއެއް ނުވަތަ އިޙުސާންތެރިވުމުގެ ގޮތުން ކުރާ ކަމެއްކަމަށް މާތް ﷲ ބަޔާންކުރައްވައިފައި ނުވާކަމަށެވެ.
ހުކުރު ޙުތުބާގައި ވަނީ އަޅަމެންގެ މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ވަރުގަދަކުރެއްވުމަށާއި، ދީލަތިކަމާއި އިންސާފުގެ މައްޗަށް އަޅަމެންގެ ހިތްތައް އެކުވެރިކުރެއްވުމަށް އެދި ދުއާ ކޮށްފައެވެ.